
ސުކޫލު ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ލ. އިސްދޫއާއި ކަލައިދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 18 އިން 19 އަށް މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އިސްދޫ ކަަލައިދޫ ޕޮލިހާއި، ސުކޫލާއި، ކައުންސިލާއި، ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޓެންޓް މެނޭޖްމަންޓް ގުޅިގެންނެވެ.
މި ސެޝަންގައި، އިޖުތިމާއީ ރިވެތި އަހުލާގު އަށަގެންނެވުމާއި، ޒިންމާދާރު ދަރިވަރަކަށްވުމަށް ކުރެވޭނެ ކަންތައްތައް ކިޔައިދީފައިވެއެވެ. އޭގެ އިތުރުން، މައިންބައިންނަކީ ކިހާ މުހިންމު ބައެއްކަމާއި މައިންބަފައިންނާއި ޓީޗަރުންގެ ބަސްއަހައި ކިޔަމަންތެރި ވުމަށާއި އިމްތިހާނުތަކަށް ތައްޔާރުވާނެ ގޮތްތަކުގެ އިތުރުން ދަރިވަރުންގެ ގާބިލުކަން ތަރައްގީކުރުމާ ގުޅޭގޮތުން ވެސް އަގުހުރި މައުލޫމާތުތަކެއް ވަނީ ދީފައެވެ. މި ސެޝަންގައި ކަލައިދޫ ސުކޫލުގެ ގުރޭޑް 4 އިންމަތީގެ 61 ދަރިވަރުން ބައިވެރިވިއެވެ.
މިފަދަ ސެޝަންތަކުގެ ސަބަބުން، ސުކޫލު ދަރިވަރުންނަކީ ޒިންމާދާރު ބަޔަކަށްވެ، މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތަކުން ރައްކާތެރިވެތިބުމަށް ދަރިވަރުންނަށް ދަސްވެގެންދާނެއެވެ.

އިސްދޫ އަދި ކަަލައިދޫ ސުކޫލު ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި މައުލޫމާތު ދީފައިވަނީ " ކާމިޔާބު އާއިލާ" މައުލޫގެ ދަށުންނެވެ. އެގޮތުން، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިއެއްގެ ދައުރަކީ ކޮބައިކަމާއި، ދަރިންނާ މުއާމަލާތްކުރުމުގެ ރަނގަޅު ގޮތްތަކާއި، ހަރުދަނާގޮތެއްގައި އެ ކުދިން އަދަބުވެރިކުރުވުމާއި، ކުދިންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ދިނުމާއި، އާއިލީ ގުޅުންތައް ބަދަހިކޮށް، ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރުމުގެ މައްޗަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ދަރިންގެ ބަހާއި އަމަލަކީ ބެލެނިވެރިޔާގެ ފަރާތުން ދަސްކުރާ ކަމަކަށް ވުމާއެކު އެ ކުދިންނަށް ރަނގަޅު ނަމޫނާ ދެއްކުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ބުނެދީފައިވެއެވެ. އަދި އެ ކުދިން ރަނގަޅު ކާމިޔާބު ދަރިންތަކެއްގެ ގޮތުގައި ބޮޑުކުރުމަށް ދީނީ ކަންކަމަށް ބާރުއެޅުމަށާއި، އެ ކުދިންނާއެކު ފައިދާހުރި ވަގުތު ހޭދަކުރުމުގެ މުހިންމުކަން ވެސް މި ސެޝަންގައި ބުނެދީފައިވެއެވެ. އަދި ކުދިން ކުރާ ރަނގަޅު ކަންކަމުގެ އަގުވަޒަންކުރުމާއި ކުދިންގެ ކާމިޔާބީތަކަށް ތައުރީފުކުރުުގެ މުހިންމުކަމާއި ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަން އިތުރުކޮށްދިނުމަށް ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.