
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް އިންޓީރިއާއިން އިސްނަގައިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ބައިވެރިވެ، ރާއްޖޭގައި ހިންގި ސްކޭމްގެ މައްސަލަތަކުގައި އާންމުންނަށް ގެއްލުނު ފައިސާގެ ތެރެއިން 3.1މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އަނބުރާ ހޯދައިދީފިއެވެ. ޑިޖިޓަލް ވަސީލަތްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ މާލީ ކުށްތައް ހުއްޓުވުމަށް ދުނިޔޭގެ 30 ގައުމަކާއި ބައިނަލްއަގުވާމީ އިދާރާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގެ މުއްދަތުގައި، ރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓްކުރެވުނު މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑު އިންސައްތައެއް ވަނީ ހޯދާފައެވެ.
މި އަހަރުގެ ޖުލައި 1 އިން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދިޔަ މި އޮޕަރޭޝަނުގެ ތިން މަސްދުވަހުގެ ތެރޭގައި، އެންޓި-ސްކޭމް ސެންޓަރަށް ސްކޭމްގެ ޖުމްލަ 544 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި ރައްޔިތުންނަށް ޖުމްލަ 5،256،101.97 ރުފިޔާގެ ގެ މާލީ ގެއްލުން ލިބިފައިވާ ކަމަށް ރެކޯޑްކުރެވިފައިވެއެވެ. ނަމަވެސް، ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އެޅި ހަލުވި ފިޔަވަޅުތަކާއި ކަމާގުޅުންހުރި މާލީ އިދާރާތަކާއެކު ގުޅިގެން ކުރެވުނު މަސައްކަތުން، އޭގެ ތެރެއިން 3،104،075.38 ރުފިޔާ ވަނީ އަނބުރާ ހޯދައިދެވިފައެވެ. މިއީ ގެއްލުނު ކަމަށް ރިޕޯޓްކުރި ޖުމްލަ ފައިސާގެ ގާތްގަނޑަކަށް 59.1 އިންސައްތައެވެ. މި ނަތީޖާއަކީ މާލީ މަކަރާއި ހީލަތް ހިންގާ ފަރާތްތަކުން ފައިސާ ދައުރުކުރުމުގެ ކުރިން އެ ފައިސާ ހިފެހެއްޓުމަށް އެޅުނު ފިޔަވަޅުތަކުގެ ސަބަބުން ހާސިލުކުރެވުނު ނަތީޖާއެކެވެ.
މި މުއްދަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތުން، ސްކޭމްގެ މުއާމަލާތްތަކާ ގުޅުންހުރި ކަމަށް ބެލެވޭ 847 ފަރާތެއް ތުހުމަތުކުރެވޭ މީހުންގެ ގޮތުގައި ވަނީ ދެނެގަނެވިފައެވެ. އަދި ތަހުގީގުތަކާ ގުޅިގެން 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، ކުށްކޮށްގެން ހޯދާ ފައިސާ އިތުރަށް ދައުރުވިޔަ ނުދިނުމަށާއި ގެއްލުނު ފައިސާ ރައްކާތެރިކުރުމަށްޓަކައި، ބޭންކުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައި، ތުހުމަތުކުރެވޭ 1،088 ބޭންކު އެކައުންޓެއް ވަގުތީ ގޮތުން ވަނީ ހިފަހައްޓައި ފްރީޒްކޮށްފައެވެ. މިއީ ސްކޭމްތަކުގެ ޝިކާރައަކަށްވީ ފަރާތްތަކުގެ މާލީ ގެއްލުން ކުޑަކުރުމަށާއި، ކުށްކުރާ ނެޓްވޯކްތަކުގެ މާލީ ހަރަކާތްތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގައި ހުށަހެޅުނު މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ އާންމުކޮށް ހިންގާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ އަމަލުތަކެވެ. އެގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 230 މައްސަލައަކީ އޮންލައިން ޕްލެޓްފޯމްތަކާއި ޕޭޖުތައް މެދުވެރިކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރޭގައި ހިންގާފައިވާ ސްކޭމްތަކެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ. މި ބާވަތުގެ 107 މައްސަލައެއް މި މުއްދަތުގައި ރެކޯޑްކުރެވިފައިވެއެވެ.
މީގެ އިތުރުން، ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުން އަންނަ އާ ބާވަތުގެ ސްކޭމެއްގެ ގޮތުގައި ބުކިން ކެންސަލްކުރުމާއި ފައިސާ އަނބުރާ ހޯދައިދިނުން ނުވަތަ ރީފަންޑް ދިނުމުގެ ނަމުގައި އޮޅުވާލައިގެން ހިންގާ މަކަރާއި ހީލަތް ވަނީ ފާހަގަކުރެވިފައެވެ. މި މުއްދަތުގައި އެފަދަ 80 މައްސަލައެއް އެންޓި-ސްކޭމް ސެންޓަރަށް ހުށަހަޅާފައިވެއެވެ. ހަމައެއާއެކު، އެކި އިދާރާތަކާއި މަޝްހޫރު ފަރާތްތަކާއި އާއިލާ ނުވަތަ ރައްޓެހިންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 43 މައްސަލައަކާއި، ފައިދާ ބޮޑު އިންވެސްޓްމަންޓްތަކެއް ކަމަށް ދައްކައިގެން ހިންގި 32 ސްކޭމަކާއި، އެކައުންޓްގެ ވެރިފަރާތަށް ނޭނގި ހުއްދައެއް ނެތި މުއާމަލާތް ހިންގުމުގެ 27 މައްސަލައެއްގެ އިތުރުން ލޯބީގެ ގުޅުންތައް ދައްކައިގެން ފައިސާ ހޯދުމުގެ 8 މައްސަލައެއް ވެސް ވަނީ ރެކޯޑްކުރެވިފައެވެ. މި ހިސާބުތަކުން ދައްކައިދެނީ، އޮންލައިން މާހައުލުގައި ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ތަފާތު ގޮތްގޮތަށް ބަދަލުވަމުން އަންނަކަމެވެ.
"އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" އަކީ ޔޫއޭއީގެ މިނިސްޓްރީ އޮފް އިންޓީރިއާގެ އިސްނެގުމާއެކު، އިންޓަޕޯލް (އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން) އާއި ގްލޯބަލް އެންޓި-ސްކޭމް އެލަޔަންސް (ގާސާ) އަދި ޓެކްނޮލޮޖީއާއި މާލީ ދާއިރާގެ އަމިއްލަ 13 ކުންފުންޏަކާއި ދުނިޔޭގެ 30 ގައުމެއްގެ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ މައިގަނޑު އަމާޒަކަށްވީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގާ އޮޅުވާލުންތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ މާލީ މަކަރާއި ހީލަތް އަދި އޮންލައިންކޮށް ބިރުދައްކައިގެން ފައިސާ ހޯދުމުގެ ކުށްތައް ހުއްޓުވުމެވެ.
މި އޮޕަރޭޝަނުގެ ބައިނަލްއަގުވާމީ ނަތީޖާތަކަށް ބަލާއިރު، އިންޓަނެޓް މެދުވެރިކޮށް މަކަރާއި ހީލަތް ހިންގުމަށް ކުރި 123.71 މިލިއަނަށް ވުރެ ގިނަ މަސައްކަތް ވަނީ ހުއްޓުވާފައެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ 39 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާއާއި ޑިޖިޓަލް އެސެޓް ވަނީ ދެނެގަނެވިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 960 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، ތުހުމަތުކުރެވޭ 3،500 އަށް ވުރެ ގިނަ ފަރާތް ވަނީ ދެނެގަނެވިފައެވެ. މީގެ އިތުރުން 15،500 އަށް ވުރެ ގިނަ މީހުންނަކީ މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ކަން ފާހަގަކުރެވިފައިވާއިރު، ގައުމުތަކުގެ މެދުގައި 9،000 އަށް ވުރެ ގިނަ ސިއްރު މައުލޫމާތު ވަނީ ބަދަލުކުރެވިފައެވެ. އަދި 4،126 ބޭންކު އެކައުންޓަކާއި މަކަރާއި ހީލަތް ހިންގުމަށް ބޭނުންކުރި ސޯޝަލް މީޑިއާގެ 570 އަށް ވުރެ ގިނަ އެކައުންޓް ބަންދުކޮށް، ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ 29 ސްކޭމް ސެންޓަރެއް ވަނީ ރެއިޑްކޮށްފައެވެ. މި ނަތީޖާތައް ރަސްމީކޮށް ހާމަކޮށްފައިވަނީ، އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު އދ. ގެ ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމާ ބެހޭ މުއާހަދާގެ 13 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.
ސްކޭމްގެ އަމަލުތައް ހުއްޓުވުމުގައި ތަހުގީގީ އަދި ތަންފީޒީ މަސައްކަތްތަކުގެ އިތުރުން، އާންމުން ހޭލުންތެރިކުރުވުމަށް އެންޓި-ސްކޭމް ސެންޓަރުން ޚާއްސަ އިސްކަމެއް ދީގެން ދަނީ މަސައްކަތްތަކެއް ކުރަމުންވެ. އެގޮތުން މި އޮޕަރޭޝަންގެ މުއްދަތުގެ ތެރޭގައި ޓީވީ ޕްރޮގްރާމްތަކާއި އެހެނިހެން ހަރަކާތްތައް ހިމެނޭހެން ހޭލުންތެރިކުރުމުގެ 34 ހަރަކާތެއް ވަނީ ހިންގާފައެވެ.