
ގދ. އަތޮޅުގައި ކުރިއަށް ގެންދިޔަ ރައްކާ ރޯޑްޝޯގެ ކާމިޔާބު ހަރަކާތްތަކުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު މެސެޖުތަކެއް ރައްޔިތުންނަށް ދީފައިވެއެވެ.
އޮކްޓޫބަރު 9 އިން ފެށިގެން 12 ދުވަހުގެ މުއްދަތަށް ގދ. އަތޮޅުގެ ހުރިހާ ރަށެއްގައި ރައްކާ ރޯޑްޝޯގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ގދ. އަތޮޅު ފުލުހުންނާއި ރަށްރަށުގެ ކައުންސިލުތަކާއި، އެހެނިހެން އިދާރާތަކުގެ އިތުރުން ރަށްރަށުގައި ހަރަކާތްތެރިވާ ޖަމުއިއްޔާތަކާއި އާންމު ރައްޔިތުން ގުޅިގެންނެވެ. މި ޕްރޮގްރާމްގައި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކާއި، ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުއައްސަސާތަކާއި ޒުވާނުންނަށް ހާއްސަ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، ހޯޑެއްދޫ، ގައްދޫ، މަޑަވެލި އަދި ތިނަދޫ ސުކޫލު ދަރިވަރުންނަށް ހާއްސަކޮށްގެން ޓްރެފިކް މޮނިޓާސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު އަތޮޅުގެ ހުރިހާ ރަށެއްގެ ސުކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންގެ އިތުރުން ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. ހަމައެހެންމެ، ޒުވާނުންނަށް އަމާޒުކޮށްގެން މުޖުތަމައުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކުޅިވަރު މުބާރާތްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ތިނަދޫގައި ކުއިޒް މުބާރާތެއް ބާއްވާފައިވެއެވެ. މުބާރާތްތަކުން ވަނަވަނައަށް ދިޔަ ޓީމުތަކަށް އިނާމާއި ހަނދާނީލިޔުން ދީފައިވެއެވެ.
އޭގެ އިތުރުން، ތިނަދޫގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ރަށްރަށުގެ މަގުތަކުގައި ފަހިރާސްތާ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ. ފަހިރާސްތާ ޕްރޮގްރާމުގައި އޯޑިއޯ އެވެއާނަސް މެސެޖުތައް އާންމުންނަށް ފޯރުކޮށްދިނުމުގެ އިތުރުން ފުލަޔާސް އަދި ލީފްލެޓް ބޭނުންކޮށްގެންނާއި އާންމުންނާ ފުލުހުން ބައްދަލުކޮށްގެން ވެސް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.
އަދި އަތޮޅުގެ ހުރިހާ ރަށެއްގައި އެވެއާނަސް ބިލްބޯޑު ހަރުކޮށްފައިވާއިރު ތިނަދޫގައި ފަސް ބިލްބޯޑް އިފުތިތާހުކޮށް، ގިނަ ބައެއްގެ ބައިވެރިވުމާއެކު ހާއްސަ ހިނގާލުމެއް ބާއްވާފައިވެއެވެ. މި ހިނގާލުމުގައި ރޯޑްސޭފްޓީ އޯޑިއޯ މެސެޖުތައް ހިއްސާކޮށްފައިވެއެވެ. އަދި ގަވާއިދާ އެއްގޮތަށް އެއްގަމު އުޅަނދު ދުއްވުމަށް ބާރުއެޅުމަށާއި އެކްސިޑެންޓްތަކުން ރައްކާތެރިކުރުވުމުގެ ގޮތުން، އެކްސިޑެންޓް ސީންއެއް ތައްޔާރުކޮށް، ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.
ރައްކާ ރޯޑްޝޯއަކި އާންމުންގެ ބައިވެރިވުމާއެކު މަގުމަތީގެ ރައްކާތެރިކަމާ މެދު މުޖުތަމައު ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ޑިޕާޓްމަންޓުން އިސްނަގައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ރަށްރަށުގެ ކައުންސިލުތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން ހިންގާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ މި އަހަރުގެ ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ އޫރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް، އެމް.ޓީ.ސީ.ސީ، އަވަސް، އަދި ހޮންޑާ (ޝީޝާ) އެވެ.