
ހުޅުމާލެ އަދި މާލޭގައި ފުލުހުން ފަށާފައިވާ ހާއްސަ ޓްރެފިކް އޮޕަރޭޝަންތަކާއެކު މަގުމަތީގެ އެކްސިޑެންޓްތަކުގެ ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް ދަށަށް ގޮސް، އުއްމީދީ ކުރިއެރުންތަކެއް ދަނީ ފެންނަމުންނެވެ. މި ބަދަލަކީ ހަމައެކަނި ފިޔަވަޅު އެޅުމުގެ ނަތީޖާއެއް ނޫނެވެ. ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައި އާންމު ރައްޔިތުން ދައްކަމުންދާ މިސާލުގެ ހެއްކެކެވެ.
މާލެ އާއި ހުޅުމާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުން މިއަދު ފެންނަނީ މަގުމަތީގެ އަމާންކަމަށްޓަކައި އެންމެން އެކުގައި އެއް އަމާޒަކަށް ކުރަން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާއެވެ. އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ އަސަރެވެ. ދުއްވާ އެއްޗެއްގެ ހުންގާނު ހިފަހައްޓައިގެން ހުންނަ ކޮންމެ މީހަކު ވެސް މަގުމަތީގެ ސަލާމަތަށް ވިސްނައި، ހުށިޔާރުވެ، އެހެން މީހުންނަށް އިހުތިރާމުކުރާ މަންޒަރަކީ އަޅުގަނޑުމެންގެ މުޖުތަމައު އެދިއެދި އޮތް އެންމެ ބޮޑު އެދުމެވެ. މި ފަހުން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ ނިންމެވުމަށް ފުލުހުން ފަށާފައިވާ ހާއްސަ ޓްރެފިކް އޮޕަރޭޝަންތަކާއެކު، މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ދޭ އަހައްމިއްޔަތުކަން އިތުރުވެ، ހެޔޮ ބަދަލުތަކެއްގެ ކުލަވަރު މިހާރު ދަނީ މަގުތަކުން ފެންނަމުންނެވެ.
މަގުމަތީގެ އަމާންކަމަކީ ހަމައެކަނި ފުލުހުން ނުކުމެ ތަންފީޒުކުރާ ގާނޫނަކުން އެކަނި ހާސިލުކުރެވޭނެ ކަމެއް ނޫނެވެ. އޭގެ އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކަމަކީ މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ފަރުދީ ޒިންމާއާއި، ގަވާއިދުތަކަށް ބޯލެނބުމުގެ ރިވެތި ސިފައެވެ. ފަހަކަށް އައިސް ހިންގަމުންދާ އޮޕަރޭޝަންތަކުން ދައްކުވައިދެނީ، އާންމުންގެ ވިސްނުމަށް އަންނަމުންދާ މިފަދަ ހެޔޮ ބަދަލުތަކުގެ ސަބަބުން މަގުތަކަކީ އެންމެންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދިދާނެ ކަމުގެ އުފާވެރި އުއްމީދެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އެއްކޮށްފައިވާ އެންމެ ފަހުގެ އޮޕަރޭޝަނަލް ތަފާސްހިސާބުތަކުން ފެންނަނީ ވަރަށް އުއްމީދީ މަންޒަރެކެވެ. މަގުތަކުގައި ފުލުހުން ފާރަވެރިވާ މިންވަރު އިތުރުކޮށް، ހިންގުނު ހަރަކާތްތަކާ ގުޅިގެން ރިޕޯޓްކުރެވޭ އެކްސިޑެންޓްތަކުގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މަދުވެފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ އިރުޝާދުގެ ދަށުން 2026 އޮކްޓޫބަރު 8 ގައި ފެށި "އޮޕަރޭޝަން ރެކްލެސް ޑްރައިވިންގ" ގެ ނަތީޖާއަށް ބަލާއިރު، މި އޮޕަރޭޝަން ފެށުމުގެ ކުރީގެ 20 ދުވަހާ އަޅާބަލާއިރު އޮޕަރޭޝަން ފެށިފަހުން ވޭތުވެދިޔަ 20 ދުވަހުގެ ތެރޭގައި އެކްސިޑެންޓްތައް ވަނީ 36 އިންސައްތަ މަދުކުރެވިފައެވެ. އެއީ އޮޕަރޭޝަންގެ ކުރިން ހިނގި 117 އެކްސިޑެންޓާ އަޅާބަލާއިރު 43 އެކްސިޑެންޓްގެ މަދުވުމެކެވެ. މި މުއްދަތުގައި ހިނގާފައިވަނީ ޖުމްލަ 74 އެކްސިޑެންޓެވެ. ހުޅުމާލެ ފަދަ ދިގު އަދި ފުޅާ މަގުތަކެއް އޮންނަ ތަނެއްގައި ހިނގާ އެކްސިޑެންޓްތަކުން މިފަދަ ބޮޑު ދަށްވުމެއް ފެނުމަކީ، ރައްޔިތުން މަގުމައްޗަށްދޭ ސަމާލުކަން އިތުރުވަމުން އަންނަކަމުގެ ހެއްކެކެވެ.
ހަމައެއާއެކު، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުން ވެސް މިފަދަ ހެޔޮ ނަތީޖާތަކެއް ވަނީ ފާހަގަކުރެވިފައެވެ. މާލޭގެ މަގުތަކުގައި 2026 ސެޕްޓެންބަރު 21 އިން އޮކްޓޫބަރު 7 ގެ ނިޔަލަށް 128 އެކްސިޑެންޓް ހިނގާފައިވާއިރު، ހާއްސަ ފިޔަވަޅުތަކާއެކު އޮކްޓޫބަރު 8 އިން 24 ގެ ނިޔަލަށް އެ އަދަދު ވަނީ 106 އަށް ދަށްކުރެވިފައެވެ. މިއީ 22 އެކްސިޑެންޓްގެ ދަށްވުމެއް ނުވަތަ ގާތްގަނޑަކަށް 17.2 އިންސައްތައިގެ ހެޔޮ ބަދަލެކެވެ. މި ހިސާބުތަކަކީ އަދި މަސައްކަތުގެ ނިމުމެއް ނޫން ނަމަވެސް، އެންމެންގެ މަސައްކަތުން ރަނގަޅު މިސްރާބަކަށް ދަތުރުކުރެވޭ ކަމުގެ އަލިގަދަ ހެއްކެކެވެ.
މި އޮޕަރޭޝަންތަކުން ފެންނަމުންދާ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ޒިންމާދާރުކަމާއެކު އުޅަނދު ދުއްވާ އެންމެހައި ރައްޔިތުންނެވެ. މަގުމަތީގެ ނިޝާންތަކަށާއި ދުވެލީގެ މިންގަނޑުތަކަށް ބޯލަނބައި، ފުލުހުން ޖަހާ ޗެކްޕޮއިންޓްތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާ ރައްޔިތުންގެ ސަބަބުން މަގުތަކުގެ ރައްކާތެރިކަން ދަނީ އިތުރުވަމުންނެވެ.
އަމިއްލަ ސަލާމަތުގެ އިތުރުން މަގު ބޭނުންކުރާ އެހެން ފަރާތްތަކުގެ ފުރާނައަށް ރައްކާތެރިވެ، ގަވާއިދާ އެއްގޮތަށް ޕާކުކޮށް، އަދި ނުރައްކާތެރި އަމަލުތަކުން ދުރުހެލިވާ ހުރިހާ ފަރާތްތަކާއި ހިނގާބިނގާވާ ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޝުކުރު ދަންނަވަމެވެ. ފުލުހުން މަގުމައްޗަށް ނުކުމެ ތިބެނީ ރައްޔިތުންގެ ފުރާނައާއި މުދާ ހިމާޔަތްކުރުމަށް އަދާކުރާ ގައުމީ ވާޖިބެއްކަން ދެނެގަނެ، އާންމުން ދައްކަމުންދާ ކެތްތެރިކަމާއި އެއްބާރުލުމަކީ އަގުނުކުރެވޭ ފަދަ ލާމަސީލު މިސާލެކެވެ.
ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ، ފުލުހުންގެ އަމާޒަކީ ހަމައެކަނި ޖޫރިމަނާކުރުމާއި އުޅަނދު ޓޯކުރުމެއް ނޫންކަމެވެ. އޭގެ ބަދަލުގައި، އިސްކަންދެނީ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ކުރިން އެކަން ހުއްޓުވުމަށާއި، މަގު ބޭނުންކުރާ ފަރާތްތަކަށް ރަނގަޅު މަގު ދައްކައިދިނުމަށެވެ.
ހުޅުމާލޭގެ އޮޕަރޭޝަނަށް ބަލާއިރު، 2026 އޮކްޓޫބަރު 8 އިން 27 އަށް ޖުމްލަ 3,151 އުޅަނދު (2,800 ސައިކަލާއި 351 ހަތަރުފުރޮޅުލީ އުޅަނދު) ޗެކްކޮށްފައިވެއެވެ. މީގެ ތެރެއިން 808 ފަރާތަކަށް (735 ސައިކަލު ދުއްވި ފަރާތަށާއި 73 ހަތަރުފުރޮޅުލީ އުޅަނދު ދުއްވި ފަރާތަށް) ވަނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަސޭހަތްތެރިވެ، ވިސްނައިދީފައެވެ. އެހެންނަމަވެސް، އެހެން މީހުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތްގޮތަށް ދުއްވި 23 އުޅަނދަކަށާއި (20 ސައިކަލު، 3 ހަތަރުފުރޮޅުލީ އުޅަނދު)، އެ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް 85 ފަރާތެއް ޖޫރިމަނާކޮށް، 145 އުޅަނދު ވަނީ ޓޯކޮށްފައެވެ.
މާލޭގެ މަގުތަކުގައި ވެސް ޓްރެފިކް ފުލުހުން ދަނީ އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަމުންނެވެ. ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 600 މައްސަލައަކާއި، ނުރައްކާތެރިކޮށް ދުއްވި 19 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާ 13 ފަރާތަކަށް ވަނީ ނަސޭހަތްދީ، ވިސްނައިދީފައެވެ. އަދި އާންމު މަގުތަކުގައި ބާރަށް ދުއްވި ފަރާތްތަކުގެ ތެރެއިން އެކި ކުންފުނިތަކާއި އިދާރާތަކަށް ނިސްބަތްވާ 23 ފަރާތެއްގެ މައުލޫމާތު އެ ތަންތަނާ ހިއްސާކޮށް، އެ މުއައްސަސާތައް މެދުވެރިކޮށް ވެސް ޒިންމާކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ. މީގެ އިތުރުން، އުޅަނދުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަނުވުމުގެ 371 މައްސަލައަކާއި، ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ 171 މައްސަލައަކަށް ވަނީ ފިޔަވަޅު އަޅާފައެވެ.
މަގުމަތީގެ ސަލާމަތަށް ވިސްނާއިރު، މަގުތަކަކީ ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ތަނެކެވެ. މަގުމައްޗަށް ނުކުންނަ ކޮންމެ މީހަކީ ވެސް ކޮންމެވެސް އާއިލާއެއްގެ ލޮބުވެތި މެންބަރެކެވެ. މަންމައެކެވެ. ބައްޕައެކެވެ. ކުޑަކުއްޖެކެވެ. ނުވަތަ އަޅުގަނޑުމެންގެ ލޯބިވާ އެކުވެރިއެކެވެ. ގެއިން ނުކުމެގެން އެމީހުން ދަނީ އެނބުރި ރައްކާތެރިކަމާއެކު އާއިލާގެ ގާތަށް އައުމުގެ އުއްމީދުގައެވެ.
ބާރު ސްޕީޑުގައި ދުއްވައިލެވޭ އެންމެ ސިކުންތެއްގެ ޖަޒުބާތަކުން ނުވަތަ ފަރުވާކުޑަކޮށްލެވޭ ކުޑަކުޑަ ވަގުތުކޮޅަކުން، މުޅި އުމުރަށް ހިތާމަކުރަންޖެހޭ ފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެއެވެ. އަނެކާއަށް މަގުމަތިން ޖާގަދިނުމާއި، ކަޑައްތުކުރާ މަގުތަކުން ހިނގާ މީހުންނަށް އިސްކަންދިނުމަކީ، ގާނޫނަށް ކިޔަމަންވުމުގެ އިތުރުން އަނެކާއަށް އޮންނަ އޯގާތެރިކަމާއި އިހުތިރާމު ހާމަކޮށްދޭ ރިވެތި ސިފައެކެވެ.
މިހާރު ފެންނަމުންދާ ނަތީޖާއަކީ އުއްމީދީ ފެށުމެއް ނަމަވެސް، މަގުތަކުގެ ހުރިހާ މައްސަލައެއް އަދި ހައްލުވީކީ ނޫނެވެ. ދެމެހެއްޓެނިވި ގޮތެއްގައި މި އަމާންކަން ދެމެހެއްޓުމަށްޓަކައި ގިނަ ގޮންޖެހުންތަކެއް އަދިވެސް އެބަހުއްޓެވެ. ހުޅުމާލޭގެ މަގުތައް ބެލެހެއްޓުމުގައި ފުލުހުންގެ ވަސީލަތްތައް އިތުރުކުރުމާއެކު އާންމުންގެ އެއްބާރުލުން ކޮންމެހެން މުހިންމެވެ. ނުރައްކާތެރިކޮށް ދުއްވާ ސަރަހައްދުތަކުގައި ހާއްސަ ފިޔަވަޅުތަކެއް އަޅައިގެން އިތުރު މަސައްކަތްތަކެއް ކަމާގުޅުންހުރި އިދާރާތަކާއެކު މިހާރުވެސް ދަނީ ކުރެވެމުންނެވެ. ހަމައެއާއެކު، މާލޭގެ ހަނި މަގުތަކުގައި ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކުކުރުމާއި، ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވުން ފަދަ ކަންކަން ހުއްޓުވުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރަންޖެހެއެވެ.
މި ގޮންޖެހުންތަކުން އަރައިގަނެވޭނީ ކަމާގުޅުންހުރި އެންމެހައި އިދާރާތަކާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުންނެވެ. ފުލުހުންގެ ހަރަކާތްތައް މެދުނުކެނޑި ކުރިއަށްދާ ފަދައިން، ރައްޔިތުންގެ ފަރާތުން ފެންނަ ޒިންމާދާރުކަން ކޮންމެ ދުވަހެއްގެ އާދައަކަށް ހަދަންޖެހެއެވެ. ފަރުދީ ގޮތުންނާއި ޖަމާއީ ގޮތުންނެވެ.
މަގުމަތީގެ އަމާންކަމަކީ ވަކި ވަގުތަކު ނުވަތަ ވަކި އޮޕަރޭޝަނަކުން ނިންމައިލެވެން އޮތް ކަމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ވައްޓަފާޅިއެކެވެ. މިއަދު ފެންނަމުންދާ އުއްމީދީ ބަދަލު ދަމަހައްޓައި، މާދަމާގެ ޖީލުތަކަށްޓަކައި އަޅުގަނޑުމެންގެ މަގުތަކަކީ ހިތްހަމަޖެހުމާއި ސަލާމަތްތެރިކަމުގެ ވެއްޓަކަށް ހެދުމުގެ ބާރު އޮތީ އަޅުގަނޑުމެން ކޮންމެ މީހެއްގެ އަތްމަތީގައެވެ. މަގުމަތީގެ ސަލާމަތަކީ އެންމެންގެ ހައްގެކެވެ. އަދި އެއީ އެންމެން ގުޅިގެން އަދާކުރަންޖެހޭ ގައުމީ ޒިންމާއެކެވެ.