
މީހުން ޓްރެފިކްކުރުމާއި އަދި ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުމުގެ މައްސަލަތައް ތަހުގީގުކުރުމުގައި އޯޕަން ސޯސް އިންޓެލިޖެންސް އަދި ޑިޖިޓަލް ހެކި ބޭނުންކުރުމާ ގުޅޭގޮތުން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި ސަރަހައްދީ މަސައްކަތު ބައްދަލުވުމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެއެވެ.
2026 އޮކްޓޫބަރު 27 އިން 29 އަށް ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަފީޤް އާއި ސީނިއަރ ސާޖަންޓް ޢަބްދުﷲ ޙަމްދޫން އަދި ސާޖަންޓް އަޙްމަދު ޝާންއެވެ.
މި މަސައްކަތު ބައްދަލުވުމަކީ މީހުން ޓްރެފިކްކުރުމާއި ގަވާއިދާ ހިލާފަށް މީހުން އެތެރެކުރުމުގެ ކޮމްޕްލެކްސް މައްސަލަތައް ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމުގައި އިލެކްޓްރޯނިކް ހެއްކާއި، އޯޕަން ސޯސް އިންޓެލިޖެންސް އަދި ސައިބަރ އުކުޅުތައް ހިމެނޭހެން ހާއްސަ ތަހުގީގީ ވަސީލަތްތައް ބޭނުންކޮށްގެން މައުލޫމާތާއި ހެކި އެއްކުރުމާއި، އެ ތަކެތި ތަހުލީލުކުރުމުގެ ފަންނީ ގާބިލުކަން ތަހުގީގުކުރާ ފަރާތްތަކާއި ޕްރޮސެކިއުޓަރުންގެ ކިބައިގައި އިތުރުކުރުމަށް ހިންގި މަސައްކަތު ބައްދަލުވުމެކެވެ.