
ޓެލެކޮމިއުނިކޭޝަން އަދި ސައިބަރ ވަސީލަތްތައް މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތް ހެދުމުގެ ކުށްތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ އިއްތިހާދެއް ގާއިމުކުރުމަށް ޗައިނާ ސަރުކާރުން އިންތިޒާމުކޮށްގެން ބޭއްވި "ކޮންވެންޝަން އޮން އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް އެލަޔަންސް ކޮމްބެޓިންގ ޓެލެކޮމް އެންޑް ސައިބަރ ފްރޯޑް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެއެވެ.
ޗައިނާގެ ޗޮންގްޗިންގގައި 2026 އޮކްޓޫބަރު 27 އިން 29 އަށް ކުރިއަށްދިޔަ މި ކޮންވެންޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސާޖަންޓް ޢަލީ އާޞިފް މޫސާ އެވެ.
މި ކޮންވެންޝަނަކީ ބޯޑަރު ހުރަސްކޮށް ޓެލެކޮމިއުނިކޭޝަން ނެޓްވޯކްތަކާއި އިންޓަރނެޓް މެދުވެރިކޮށް ހިންގާ ސައިބަރ ފްރޯޑާއި މާލީ މަކަރާއި ހީލަތުގެ ބޮޑެތި ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން ވަރުގަދަކުރުމާއި، ގުޅިގެން މަސައްކަތްކުރާނެ ހަރުދަނާ އިއްތިހާދެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. މީގެއިތުރުން، މިފަދަ ކުށްތައް ތަހުގީގުކުރުމުގައި ގައުމުތަކުގެ މެދުގައި މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމާއި، ސައިބަރ ކުށްތައް ހުއްޓުވުމަށް އެޅިދާނެ އަމަލީ ފިޔަވަޅުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.