
ސައިބަރ ސެކިއުރިޓީ އެވެއާނަސް މަސް ފާހަގަކުރުމުގެ ގޮތުން، ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް މުޅި ރާއްޖެ ހިމެނޭގޮތަށް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޫބަރު 18 އިން 31 އަށެވެ.
ހުރިހާ ރަށެއްގައި ފުލުހުން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި، ސުކޫލުތަކަށް ފުލުހުން ޒިޔާރަތްކޮށް އެސެމްބްލީތަކުގައި ބައިވެރިވެ އިންޓަނެޓްގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ސައިބަރ ކުށްތަކުން ރައްކާތެރިވެތިބުމަށް ބޭނުންވާނޭ މައުލޫމާތު ދަރިވަރުނަށް ދީފައިވެއެވެ.

އަދި ސުކޫލުތަކުގެ ބެލެނިވެރިންނާއި، ރަށްރަށުގެ މުއައްސަތަކަށް ޒިޔާރަތްކޮށް މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން، ކެފޭތަކާއި، ފިހާރަތަކާއި، ގެސްޓް ހައުސްތަކާއި، ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ އިތުރުން، ރަށްރަށުގެ މަގުތަކާއި، އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށްގެން މައުލޫމާތު ދިނުމަށް ވޯކް އެންޑް ޓޯކް ހަރަކާތްތައް ވެސް ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހަރަކާތްތަކުގައި، ކުޑަކުދިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތްތަކާއި، ވިޔަފާރިތަކާއި، ވަޒީފާ އަދާކުރާ މާހައުލުގައި ސައިބަރ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަމާލުކަމެއް ދޭންޖެހޭ ކަންތައްތައް ކިޔައިދީފައިވެއެވެ. އަދި ބޭނުންކުރާ އަމިއްލަ އެކައުންޓްތަކުގެ ޕާސްވޯޑް ވަރުގަދަކޮށް ބެލެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، ޕިޝިންގ ދެނެގަންނާނެ ގޮތްތަކާއި، ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް އަދި ރައްކާ ކުރެވިފައިވާ މައުލޫމާތުތައް ލީކުވާން މެދުވެރިވާ ސަބަބުތަކާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ކިޔައިދީފައިވެއެވެ. އަދި ސައިބަރ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ހިމެނޭ ލީފްލެޓް ބަހާފައިވެއެވެ.
ޓެކްނޮލޮޖީގެ ޒަރީއާއިން ހިންގާ ކުށްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ފުލުހުން ކުރިއަށްގެންދިޔަ މި ހަރަކާތަށް އާންމު ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވެއެވެ.