
ސުކޫލު ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުދައްރިސުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ޅ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އޮކްޓޫބަރު 26 އިން 29 އަށް މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި ޚިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގާއި، ޅ. އަތޮޅު ޕޮލިސް ގުޅިގެންނެވެ. މި ޕްރޮގްރާމްގައި މައުލޫމާތު ދީފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފެސިލިޓޭޓަރުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުންނެވެ.
މި ޕްރޮގްރާމްގައި، ކުޑަކުދިންގެ ހައްގުތަކާއި ޒިންމާތަކާއި، އެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަށް ދެނެގަތުމާއި، އެފަދަ ކަންކަމުން ރައްކާތެރިވުމާއި މައްސަލަ ރިޕޯޓު ކުރާނެގޮތާއި، ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ނުރައްކާ އޮތް ކުދިން އެކަމުން ދުރުހެލިކޮށް ރައްކާތެރިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، ގެވެށި އަނިޔާއާއި އެކަމުން ރައްކާތެރިވާނެ ގޮތްތަކާއި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރާނެ ގޮތްތަކާ ބެހޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމްގައި މައުލޫމާތު ދީފައިވަނީ ޅ. އަތޮޅު ހުރިހާ ރަށެއްގެ ސުކޫލުތަކުގެ މުދައްރިސުންނަށާއި، ގުރޭޑު 6 އިން މަތީގެ ދަރިވަރުންނާއި، ބެލެނިވެރިންނަށެވެ. އެގޮތުން، 523 ދަރިވަރުންނާއި، 163 ބެލެނިވެރިންނާއި، 136 މުދައްރިސުންނަށް މައުލޫމާތު ދީފައިވެއެވެ.