
ސްރީލަންކާ ޕޮލިސްގެ ސްޕެޝަލް ޓާސްކް ފޯސް އިން ހިންގާ އަށް ހަފުތާގެ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ 36 އޮފިސަރަކު ސްރީލަންކާއަށް ފުރައިފިއެވެ. މި އޮފިސަރުން ސްރީލަންކާއަށް ފުރާފައިވަނީ އޮކްޓޯބަރު 30 ވަނަ ދުވަހުއެވެ.
ނޮވެމްބަރު 2 އިން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީނުގައި ބައިވެރިވާ އޮފިސަރުން ފުރުމުގެ ކުރިން، އެ އޮފިސަރުންނާ ބައްދަލުކުރެއްވުމަށް އޮކްޓޯބަރު 29 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަނެވެ. މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، 13 އަހަރުގެ މެދުކެނޑުމަކަށްފަހު މި ތަމްރީނުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަލުން ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ފުލުހުންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި ފުލުހުންނަށް މި ފުރުސަތު ފަހިކޮށްދެއްވައި ވެދެއްވި އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ސްރީލަންކާ ސަރުކާރަށާއި، ސްރީލަންކާ ޕޮލިސްގެ އިތުރުން އެސްޓީއެފަށާއި ސްރީލަންކާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި ކޮމިޝަނަރ ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
މީގެ އިތުރުން، ތަމްރީނުގެ މުއްދަތުގައި ސާބިތުކަމާއެކު ފުރިހަމަ ޑިސިޕްލިން އަދި ޕްރޮފެޝަނަލިޒަމް ދެއްކުމަށާއި، މުދައްރިބުން ދެއްވާ އިރުޝާދުތައް ކަނުލައި އަޑުއަހައި ފުރިހަމަ ގޮތުގައި އުނގެނުމަށް ކޮމިޝަނަރ އޮފް ޕޮލިސް ބާރުއެޅުއްވިއެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެ، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ސުލޫކީ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށްވެސް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
މި ތަމްރީނަކީ ދެ ގައުމުގެ ފުލުހުންގެ މެދުގައި އޮތް ގުޅުމާއި ތަމްރީނުގެ ދާއިރާއިން ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަން ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރެއެވެ.