
“ކިޔަމަންތެރި ދަރިއަކު ބިނާކުރުން” މައުލޫގެ ދަށުން މައުލޫމާތު ދިނުމުގެ ސެޝަނެއް ފ. ނިލަންދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި، ފ. ނިލަންދޫ ޕޮލިހާއި، ފ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެންނެވެ.
ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން ނޮވެންބަރު 4ވަނަ ދުވަހުގެ ރޭ ކުރިޔަށްގެންދިޔަ މި ސެޝަނަކީ، މުޖުތަމައަށް ފައިދާހުރި ކިޔަމަންތެރި ދަރިއަކު ތަރުބިއްޔަތުކުރުމަށްޓަކައި މައިންބަފައިން އަމަލީ ގޮތުން ރިވެތި ނަމޫނާ ދެއްކުމުގެ މުހިންމުކަން އަންގައިދީ އަދި ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަންގައި ކުއްޖެއްގެ ހަޔާތުގައި އެންމެ މުހިންމު ކަމަކީ ﷲ ތަޢާލާއަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާން ދަސްކޮށްދިނުން ކަމަށާއި، ދީނީ ކަންކަމަށް ލޯބިކުރާ ކުއްޖެއްގެ ކިބައިން މެނުވީ މައިންބަފައިންނަށް ކިޔަމަންތެރިވުމުގެ ސިފަ ފުރިހަމަ ގޮތުގައި ނުފެންނާނެ ކަމަށާ އަދި އިސްލާމްދީނުގައި މައިންބަފައިންނަށް ކިޔަމަންތެރިވެ، އިހުތިރާމުކުރުމަށް ދެއްވާފައިވާ މަތިވެރި ދަރަޖަ ކުދިންނަށް ޅަފަތުގައި އޮޅުންފިލުވައިދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެ ވެސް ޒިންމާއެއްކަން ފާހަގަކޮށް މައުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން، ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި ހަމައެކަނި ނަސޭހަތް ދިނުމަކުން ނުފުދޭނެ ކަމަށާއި، ބެލެނިވެރިންގެ އަމަލުތަކުން ކުދިންނަށް ރަނގަޅު ނަމޫނާ ދައްކަންޖެހޭނެ ކަމަށް މި ސެޝަންގައި އަލިއަޅުވައިލާފައިވެއެވެ. އަދި ގޭތެރޭގެ މާހައުލަކީ ކުދިންނަށް އޯގާތެރިކަމާއި ރިވެތި ބަސްމަގު އިވޭ، އަދި އިސްލާމީ އުސޫލުތައް ހިފަހައްޓާ މާހައުލަކަށް ހެދުމުން ކިޔަމަންތެރި އަދި އަހުލާގު ރަނގަޅު ޖީލެއް ބިނާކުރެވޭނެކަން ފާހަގަކޮށް މައުލޫމާތު ދީފައިވެއެވެ. މި ސެޝަންގައި 73 ބެލެނިވެރިން ބައިވެރިވިއެވެ.
ހޭލުންތެރިކުރުމުގެ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން، ދަރިން ތަރުބިއްޔަތުކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އިސްލާމީ ހަމަތަކުގެ މަތިން ދަރިން ތަރުބިއްޔަތުކުރުމަށް ބެލެނިވެރިންނަށް އިތުރު ހިތްވަރަކާއި މައުލޫމާތު ލިބިގެންދާކަން ސުކޫލުން ފާހަގަކޮށްފައިވެއެވެ.