
މ. މުލަކު ސުކޫލު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ނޮވެމްބަރު 4 ވަނަ ދުވަހު މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެ ސުކޫލުގެ ގުރޭޑު 4 އިން 6 އާ ދެމެދުގެ ދަރިވަރުންނަށެވެ. މި ސެޝަންގައި މައުލޫމާތު ދީފައިވަނީ “މަގުމަތީގެ އަދަބުތަކާއި، ސައިބަރ ބުލީއިންގ” މައުލޫގެ ދަށުންނެވެ.
އެގޮތުން، މަގުމަތީގައި އުޅޭއިރު، ދުއްވާ އެއްޗިއްސަށް ބެލުމަށާއި، އެހެން މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށާއި، މަގުމަތީގައި ކުޅެ އަޑުގަދަ ނުކުރުމަށް ކިޔައިދީފައިވެއެވެ. އަދި މަގުމަތީގެ ރިވެތި އަދަބުތަކަށް ސަމާލުކަންދިނުމަށާއި މަގުމަތީގައި އުޅޭއިރު ސަލާމަތާއި ރައްކާތެރިކަމަށް ކަށަވަރުކުރުމަށް ސަމާލުކަންދޭންޖެހޭ ކަންތައްތައް ވެސް ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ސަލާމަތްވުމަށް ދަރިވަރުންނަށް ކުރެވޭނެ ކަންތައްތައް ކިޔައިދީފައިވެއެވެ. އެގޮތުން، އިންޓަނެޓް ބޭނުންކުރާނަމަ ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ނުދަންނަ މީހުންނާ ވާހަކަނުދެއްކުމަށާއި، ދަރިވަރުންގެ ޒާތީ މައުލޫމާތު އެ މީހުންނާ ހިއްސާނުކުރުމަށް ކިޔައިދީފައިވެއެވެ. އަދި އުނދަގޫވާފަދަ އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ ބެލެނިވެރިންނާ ހިއްސާކުރުމަށް ކިޔައިދީފައިވެެއެެވެ. މި ސެޝަންގައި އެ ސުކޫލުގެ 66 ދަރިވަރުންވަނީ ބައިވެރިވިއެވެ.