
އއ. މަތިވެރީ ސުކޫލު ކެޑޭޓް ދަރިވަރުންނަށް ޓީމް ބިލްޑިންގ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 7 ވަނަ ދުވަހު 29 ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އިންޑޯ އަދި އައުޓްޑޯ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތްތަކަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އަށަގެންނެވުމުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. އެގޮތުން، ވިސްނުންތެރިކަމާއެކު އަވަހަށް ނިންމުންތައް ނިންމައި ހަރަކާތްތެރިވާނެ ގޮތްތައް ދަސްކޮށްދޭ ގޭމްތަކާއި، ކަސްރަތުތަކުގެ އިތުރުން، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ތަފާތު ހުނަރުތައް މި އިވެންޓުގެ ތެރެއިން ވަނީ ދަރިވަރުންނަށް އުނގަންނައިދީފައެވެ.
ފުލުހުން އިސްނަގައިގެން މިފަދަ މުހިންމު އަދި ފައިދާހުރި ހަރަކާތެއް ކެޑޭޓް ދަރިވަރުންނަށް ކުރިއަށް ގެންގޮސްދީފައިވާތީ މަތިވެރީ ސުކޫލުގެ ފަރާތުން ފުލުހުންނަށް ވަރަށް ހާއްސަ ޝުކުރުއަދާކޮށްފައިވެއެވެ.