ދުވެލި މަޑުކުރައްވާ
ތެމިފައިވާ މަގުތަކުގައި ސައިކަލު ކަހައިލުމުގެ ނުރައްކާ އިތުރުވެދާނެއެވެ.

ކުރިއަށް އޮތީ ސްކޫލްތަކާއި އޮފީސްތައް ބަންދު ދުވަސްކޮޅެކެވެ. ނަމަވެސް، ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯހެވެ. އެކްސިޑެންޓްތައް މަދުކޮށް، އާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައެއްކަންކަމަށް ސަމާލުވާނެޖެހެއެވެ. ބައެއް ނިންމުންތައް ނިންމުމުގައި މުސުމަށް ރިޔާއަތްކުރަންޖެހެއެވެ.
ވަޒީފާއަށް ދިއުމަށް ބާރު ސްޕީޑްގައި ދުއްވާފައިދާ އާންމު ފަރުދެކެވެ. ދަރިފުޅު ގޮވައިގެން ސްކޫލަށް ދާ ބެލެނިވެރިއެކެވެ. ޗުއްޓީއަށް އެހެން ރަށަކަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާ އާއިލާއެކެވެ. އާދައިގެ ދުވަހެއްގައި މިއީ ރާއްޖޭގެ ކޮންމެ ކަންކޮޅަކުންވެސް ފެންނާނެ އާންމު މަންޒަރުތަކެކެވެ. ނަމަވެސް، ބޯކޮށް ވާރޭވެހި، މަގުތައް ތެމި އަދި ފެންބޮޑުވާން ފެށުމުން، އެންމެ އާދައިގެ ކުރު ދަތުރެއްވެސް ނުރައްކަލަކަށް ބަދަލު ވެދާނެއެވެ.
މަގުމަތިން ސަލާމަތްކޮށްލެވޭ މަދު މިނެޓުކޮޅަކުން، ނުވަތަ މޫސުމަށް ނުބަލައި ކަނޑުމައްޗަށް ނުކުތުމަށް ނިންމާ ނިންމުމަކުން، އާދައިގެ ދުވަހެއް، ނުރައްކަލުގެ ހާލަތަކަށް ބަދަލުކޮށްލަފާނެއެވެ. އެހެންކަމުން، ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރަނީ ދުވަހުގެ ކޮންމެ ނިންމުމެއްގައިވެސް ސަލާމަތާއި ރައްކާތެރިކަމަން ހާއްސަ އިސްކަމެއް ދިނުމަށެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވުމާއެކު ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރައި ކަނޑުގަދަވުމާއެކު ބައެއް ވަގުތުތަކުގައި ބޯކޮށް ވާރޭވެހޭނެއެވެ. ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުން އެކަށީގެންވުމާއެކު، ރައްޔިތުންނާއި ދަތުރުވެރިން މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބުދަ ދުވަސް ބަންދުވުމާއި، އޭގެ ފަހުން އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިފައިވުމުން، ގިނަ އާއިލާތަކަކަށް ދަތުރުފަތުރުކޮށް، އެކުގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެހެންނަމަވެސް، ލޯބިވާ އާއިލާއާއި ރަހުމަތްތެރިންގެ ރައްކާތެރިކަމަށްޓަކައި، ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އާންމު ދިރިއުޅުމުގެ އެންމެ މުހިންމު ވަސީލަތަކީ ސައިކަލެވެ. އޮފީހަށް ދިއުމަށާއި، ކުދިން ސްކޫލަށް ގެންދިއުމަށާއި، ބާޒާރުކުރުމަށާއި އަދި އެހެނިހެން ކަންކަމުގައިވެސް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ބޭނުންކުރަނީ ސައިކަލެވެ. ނަމަވެސް، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި، އާންމުކޮށް ދަތުތުރކޮށް އުޅޭ ފަރިތަ މަގުތަކަކީވެސް ނުރައްކާތެރި ތަންތަނަށް ވެދާނެކަން ހަނދާނުގައި ބަހައްޓާށެެވެ.
މަގުތައް ތެމިފައި އޮތުމުގެ ސަބަބުން ސައިކަލު ކަހައިލައި އެކްސިޑެންޓްވުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން، ބޮޑުވެފައިވާ ފެންގަނޑުގެ އަޑީގައި އަޑިގުޑަންތައް ފޮރުވިފައި ހުރެދާނެއެވެ. މިފަދަ އަޑިގުޑަންތަކަކީ ސައިކަލު ދުއްވާ މީހުންނަށްހުރި ނުރައްކަލެކެވެ. އެހެނީ، ހިނގާ ހާދިސާއަކުން ހިނދުކޮޅެއްގެ ތެރޭގައި ބޮޑު އަނިޔާއެއްވެސް ވެދާނެއެވެ.
މިކަމުން ރައްކާތެރިވުމަށް އެޅޭނެ އެންމެ ފަސޭހަ އަދި އެންމެ ހަރުދަނާ ފިޔަވަޅަކީ ދުވެލި މަޑުކުރުމެވެ.
އާދައިގެ ދުވަހެއްގައި ދިހަ މިނެޓުން ދެވޭ ދަތުރަކަށް، މޫސުން ގޯސް ދުވަހެއްގައި އިތުރު ވަގުތު ހޭދަވެދާނެއެވެ. ދާންބޭނުންވާ މަންޒިލަށް އަވަހަށް ދިއުމަށްޓަކައި ނަފުސު ނުރައްކަލަށް ހުށަހެޅުމަށްވުރެ، އިތުރު ވަގުތު ހޭދަކޮށްގެން ދަތުރުކުރުން މާ ބުއްދިވެރިއެވެ.
އުޅަނދު ދުއްވާ ފަރާތްތަކުން ކުރިމަތީގައިވާ އުޅަނދާ ދެމެދު ރައްކާތެރި ދުރުމިނެއް ބެހެއްޓުމާއި، ކުއްލިއަކަށް ބްރޭކް ހިފުމާއި ނުރައްކާތެރިކޮށް އޯވަޓޭކް ކުރުމުން ދުރުހެލިވާންވާނެއެވެ. އަދި ކަންމަތިތަކާއި، ކަފިހިހުރަސްތަކަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
ހާއްސަކޮށް ފެންބޮޑުވެފައިވާ މަގުތަކުން ދަތުރުކުރާއިރު ސަމާލުވާންވާނެއެވެ. ފެންގަނޑުގެ ފުންމިނާއި އަޑީގައިވާ މަގުގެ ހާލަތު ނޭނގޭނަމަ، އެ މަގަކުން ދަތުރުކުރަން މަސައްކަތް ނުކުރާށެވެ. ނުވަތަ އިތުރު ސަމާލުކަމެއް ދީގެން ދަތުރުކުރާށެވެ.
މަގުމަތީގެ ރައްކާތެރިކަމަކީ މަގުބޭނުންކުރާ އެންމެނާ ގުޅިފައިވާ ކަމެކެވެ. ފެންގަނޑުތެރެއިން ބާރަށް ދުއްވާފައި ދިއުމުގެ ސަބަބުން، ހިނގާފައިދާ މީހުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންގެ ގަޔަށް ހަޑި ފެން ބުރުމަކީވެސް އެކަށީގެންވާކަމެވެ. އެހެންކަމުން، ޒިންމާދާރުކަމާއެކު މަގު ބޭނުންކުރުމަށް ތިމާ ނިންމާ ނިންމުމަކީ މުޅި މަގުމަތީގެ އެންމެންގެ ސަލާމަތާއި ހިތްހަމަޖެހުމާ ގުޅިފައިވާ ކަމެކެވެ.
ވިއްސާރަ ދުވަސްވަރު އެންމެ ބޮޑު ސަމާލުކަމެއް މަގުމައްޗަށް ދެވުނު ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ގޭތެރޭގައިވެސް ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު އޮވެއެވެ.
އެގޮތުން، ބޯކޮށް ވާރޭވެހި ގޭތެރޭގައާއި ގޯތިތެރޭގައި ފެންބޮޑުވާ ހާލަތްތަކުގައި، ކަރަންޓު ސާމާނުތަކާއި ހާމައަށް ހުންނަ ވަޔަރުތަކަކީ ނުރައްކަލަކަށް ވެގެން ހިނގައިދާނެއެވެ.
ފެންބޮޑުވާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން، ގޭތެރެއަށް ފެންވަނުމުގެ ކުރިން، ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ އެޅިދާނެ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، ހާލަތަށް ބަލައި، ކަރަންޓު ސާމާނުތަކާއި، މުހިންމު ލިޔެކިޔުންތަކާއި އަގުބޮޑު ތަކެތި ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަދަލުކުރެވިދާނެެއެވެ. ހަމަ މިއާއެކު، ފެންގަނޑު ތެރޭގައި ހުރެ، ކަރަންޓު ސްވިޗްތަކާއި، ހިފާގެންގުޅޭ ކަރަންޓު ސާމާނުތަކާއި ވަޔަރުތަކުގައި އަތްނުލާށެވެ. ކަރަންޓު ބޯޑުތަކާއި ސާމާނުތަކުގައި ފެން ޖެހިއްޖެނަމަ، އަމިއްލައަށް އެކަން ހައްލުކުރުމުގެ ބަދަލުގައި ފަންނީ މީހުންގެ އެހީތެރިކަން ހޯދާށެވެ.
ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި ކުޑަކުދިންނަށް ދޭ ސަމާލުކަން އިތުރުކުރަންޖެހެއެވެ.
ފެންގަނޑުތަކުގައި ކުޅުމަކީ ގެއްލުމެއް ނެތް މަޖާ ކަމެއްހެން ހީވި ނަމަވެސް، އެ ފެންގަނޑުތަކުގެ އަޑީގައި ތޫނު އެއްޗެއްސާއި، އަޑިގުޑަންތައް އަދި ތަގައްޔަރުވެފައިވާ ނަޖިސް ފެން ހުރެދާނެއެވެ. ބެލެނިވެރިން ސަމާލުވެ، ފެންބޮޑުވެފައިވާ މަގުތަކަށާއި ޑްރެއިނޭޖް ސިސްޓަމްތައް ހުންނަ ސަރަހައްދުތަކަށް ކުދިން ކުޅެން ފޮނުވުން އެންމެ ރައްކާތެރިއެއް ނޫނެވެ.
މީގެ އިތުރުންވެސް، ކޮޅިގަނޑާއެކު އަންނަ ގަދަވަޔާއެކު އިތުރު ނުރައްކާތައް ކުރިމަތިވެދާނެއެވެ. ހާއްސަކޮށް ފުރާޅުމައްޗާއި، ބެލްކަނީ އަދި ގޯތިތެރޭގައި ރަނގަޅަށް ހަރުނުކޮށް ހުންނަ ތަކެތި ވަޔާއެކު ވެއްޓި މީހުންނަށާއި މުދަލަށް ގެއްލުން ލިބުމަކީވެސް އެކަށީގެންވާކަމެވެ. އެހެންކަމުން ވަޔާ ހިނގައިދާނެފަދަ ތަކެތި ރަނގަޅަށް ހަރުކޮށް، ރައްކާތެރިކުރުމަކީ މުހިންމު ކަމެކެވެ.
އަދި ހަމަ މިއާއެކު، އެކަނި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި، އަވަށްޓެރިން އަދި މޫސުން ގޯސްވާ ވަގުތުތަކުގައި އިތުރު އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ހާލު ބަލައި އެހީތެރިވެދިނުމަށް ހުރިހާ އާއިލާތަކަށްވެސް ބާރުއަޅަމެވެ.
މިފަދަ ފިޔަވަޅުތަކަކީ އާދައިގެ ކުދިކުދި ކަންކަން ކަމުގައި ހީވި ނަމަވެސް، ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން އަޅާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ރައްކާތެރިކަން ކަށަވަރުކުރެވި، މުދަލަށް ލިބޭ ގެއްލުން ކުޑަކުރެވެއެވެ.
އެއްރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކަކީ ދިވެހިންގެ ދިރިއުޅުމާ ވަކިނުކުރެވޭނެ މުހިންމު ބައެކެވެ. ކުރިއަށް އޮތް ބަންދާ ގުޅިގެން އާއިލާތަކަކުން ރަށްރަށަށް ޒިޔާރަތްކުރުމަށާއި، އާއިލާ ކައިރިއަށް ދިއުމަށް ނުވަތަ އަރާމުކޮށްލުމަށް ދަތުރުތައް ރާވަމުން ގެންދާނެއެވެ.
ނަމަވެސް، ކޮންމެ ކަނޑުދަތުރެއް ރޭވުމުގައާއި ދަތުރު ފެށުމުގެ ކުރިން މޫސުން ލަފާކުރާގޮތް ބަލައި އެކަމަށް ސަމާލުކަން ދޭންވާނެއެވެ.
ބޯކޮށް ވާރޭވެހުމާއި، ގުގުރުމާއި، ގަދަވަޔާއެކު ކަނޑުގަދަވުމަކީ ކަނޑުދަތުރުފަތުރަށް، ހާއްސަކޮށް ކުދި އުޅަނދުފަހަރަށް ނުރައްކާތެރި ކަންކަމެވެ.
ދަތުރު ފެށުމުގެ ކުރިން މޫސުމާބެހޭ ގައުމީ އިދާރާއިން ނެރޭ އެންމެ ފަހުގެ މޫސުމީ މައުލޫމާތާއި އިންޒާރުތައް ބެލުމަށް ދަތުރުވެރިންނަށް އިލްތިމާސްކުރެވެއެވެ. އެކި އަތޮޅުތަކުގެ ލަފާކުރާ މޫސުން ތަފާތުވެދާނެއެވެ. އަދި ދަތުރު ފަށާ ސަރަހައްދުގައި މޫސުން އަމާންކޮށް އޮތުމަކީ، މުޅި ދަތުރުގައިވެސް މޫސުން ރަނގަޅުވާނެ ކަމުގެ ޔަގީންކަމެއް ނޫނެވެ.
އުޅަނދުފަހަރު ދުއްވާ ފަރާތްތަކާއި ކެޕްޓަނުންނަކީ މޫސުމީ ހާލަތު ވަޒަންކޮށް، ސަލާމަތީ އާލާތްތައް ފުރިހަމައަށް ހުރިކަން ކަށަވަރުކޮށް، ދަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ އޮންނަ ފަރާތްތަކެވެ. އެގޮތުން، ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭހެން، ހުރިހާ ދަތުރުވެރިންނަށް އެކަށޭނަ އަދި ފަސޭހައިން އަތުޖެހޭނެ ހިސާބުގައި ލައިފްޖެކެޓް ހުންނަންވާނެއެވެ. އަދި ދަތުރުވެރިން އުޅަނދުގެ ފަޅުވެރިން ދޭ ސަލާމަތީ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ. ހާލަތު ނުރައްކާވާނަމަ، ދަތުރު ފަސްކޮށްލުމަކީ ޒިންމާދާރު ނިންމުމެކެވެ.
ޗުއްޓީގެ ޕްލޭންތައް ފަހުންވެސް ރޭވިދާނެއެވެ. އެހެންނަމަވެސް، ތާވަލަކަށް ފެތުމަށްޓަކައި ދަތުރުވެރިންނާއި ފަޅުވެރިން ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ނުވާނެއެވެ.
އެހީތެރިކަން ބޭނުންވާ ކުއްލި ހާލަތްތަކުގައި ނެޝަނަލް އިމަޖެންސީ ސެންޓަރުގެ ނަންބަރު 911 އަށް ގުޅުއްވާށެވެ. އަލިފާނާއި މީހުން ސަލާމަތްކުރުމުގެ ކުއްލި ހާދިސާތައް ރިޕޯޓްކުރުމަށް 118 އަށް އަދި އެމްބިއުލާންސްގެ ހިދުމަތަށް 102 އަށް ގުޅުއްވާށެވެ.
އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޖުމްހޫރީދުވަހުގެ ހެޔޮ ތަނުނިޔާ ދަންނަވަމެވެެ. އުފާވެރި ބަންދަކަށް އެދެމެވެ.