
އިނގިރޭސިވިލާތުގެ ނޭޝަނަލް ކްރައިމް އެޖެންސީ އިން އިންތިޒާމުކޮށްގެން ބާއްވާ ކުޑަކުދިންނަށް ކުރާ އަނިޔާގެ އަމަލުތައް ނުވަތަ ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް ތަހުގީގުކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވުމަށް އެ ގައުމަށް ފުރާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހަތް އޮފިސަރުންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަސައްކަތު ބައްދަލުވުމަކީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކާއި، ހާއްސަކޮށް އިންޓަރނެޓް މެދުވެރިކޮށް ހިންގާ އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް ހުއްޓުވުމަށާއި ތަހުގީގުކުރުމުގައި ފަންނީ މައުލޫމާތާއި އޮޕަރޭޝަނަލް ހުނަރުތައް ތަރައްގީކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ. މީގެއިތުރުން، އިންޓެލިޖެންސް އެނަލައިޒްކުރުމާއި، ތަހުގީގީ ހުނަރުތައް އިތުރަށް ތަރައްގީކޮށް، މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް މި ތަމްރީނުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި އެކްސްޕްލޮއިޓޭޝަނުން ކުޑަކުދިން ރައްކާތެރިކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތްފަދަ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރަންޖެހޭ އެންމެ އިސް އެއް ގައުމީ ޒިންމާކަން ފާހަގަކުރައްވާފައެވެ. އަދި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ އޮންލައިން ކުށްތައް ހުއްޓުވުމަށާއި ތަހުގީގު ކުރުމަށްޓަކައި، ހާއްސަ ގާބިލުކަމާއި ދުރާލާ ފިޔަވަޅުއެޅުމުގެ ހުނަރު ބޭނުންވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެއިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ މިފަދަ ކުށްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އިނގިރޭސިވިލާތުގެ އެންސީއޭ ފަދަ ބައިނަލްއަގުވާމީ ތަންފީޒީ އިދާރާތަކާއެކު އޮންނަ ގުޅުން ހަރުދަނާކޮށް، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މި ތަމްރީނު ޕްރޮގްރާމުގެ ފުރިހަމަ ބޭނުން ހިފައި، ތަމްރީނުން ލިބޭ އިލްމާއި ތަޖުރިބާތައް މަސައްކަތުގެ މައިދާނުގައި ތަންފީޒުކުރުމަށާއި، އެނބުރި އައުމަށްފަހު އެހެން އޮފިސަރުންނާ އެ މައުލޫމާތުތައް ހިއްސާކޮށް މިދާއިރާއިން މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ކޮމިޝަނަރ ބާރުއެޅުއްވިއެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި ގައުމު ތަމްސީލުކުރާއިރު، އަހުލާގީ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެން، ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.
2026 ނޮވެމްބަރު 16 އިން 19 އަށް އިނގިރޭސިވިލާތުގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމަށް ފުލުހުންގެ ޓީމު ފުރުމަށް ހަމަޖެހިފައިވަނީ 2026 ނޮވެމްބަރު 15 ވަނަ ދުވަހުއެވެ.