
ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 2026 ނޮވެމްބަރު 14 ވަނަ ދުވަހު ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށްގެންދިޔަ ހޭލުންތެރިކުރުމުގެ ހަރަކާތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. ރަށްރަށުގެ ހޮސްޕިޓަލްތަކާއި، ސިއްހީ މަރުކަޒުތަކާއި، ކައުންސިލްތަކާއި އަދި މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގެ ތެރޭގައި ގައުމީ ފެންވަރުގައި ބޭއްވި "މޯލްޑިވްސް ސްވިމް ފޯރ ޑައިބެޓީސް" ހަރަކާތް ހިމެނެއެވެ.

މި ދުވަހާ ގުޅިގެން ޅ. އަތޮޅުގެ ކުރެންދޫ، އޮޅުވެލިފުށި، ހިންނަވަރު އަދި ނައިފަރުގައި ސިއްހީ ހިދުމަތްތެރިންނާއި ރައްޔިތުންނާ ގުޅިގެން ކުރިއަށްގެންދިޔަ ފެތުމުގެ ހަރަކާތްތަކުގައި ފުލުހުން ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ. ހަމައެއާއެކު، ބ. އަތޮޅުގެ ދޮންފަނު، ފުޅަދޫ، މާޅޮސް އަދި ދަރަވަންދޫގައި ބޭއްވި ފެތުމާއި ކަސްރަތު ކުރުމުގެ އިތުރުން ޓީމް ބިލްޑިންގ ހަރަކާތްތަކުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ވ. އަތޮޅުގެ ފެލިދޫ، ކެޔޮދޫ، ފުލިދޫ އަދި ރަކީދޫގައި ކުރިއަށްގެންދިޔަ "ސްވިމް ފޯރ ޑައިބެޓީސް" ހަރަކާތުގައިވެސް ފުލުހުން ވަނީ ބައިވެރިވެފައެވެ.

މީގެއިތުރުން، މ. އަތޮޅު މުލައް، މުލި އަދި ދިއްގަރުގައި ބޭއްވި ފެތުމާއި އެކުއަޓިކް އެކްސަސައިޒް ޕްރޮގްރާމްތަކުގައި ފުލުހުން ބައިވެރިވެ އެހީތެރިކަން ދީފައިވެއެވެ. އަދި ދިއްގަރުގައި ކުރިއަށްގެންދިޔަ ހިނގާލުމާއި ދުވުމުގެ ހަރަކާތުގައި 150 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. ހަމައެހެންމެ، ކ. ގުޅީގައި ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ކަސްރަތު ޕްރޮގްރާމްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 14 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހަކީ ހަކުރުބަލިން ރައްކާތެރިވުމަށާއި، ކުރީކޮޅު ބަލި ދެނެގަނެ ފަރުވާ ހޯދުމަށް ބާރުއެޅުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ގަވާއިދުން ކަސްރަތު ކުރުމާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމުގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމަކީ ހަކުރުބަލީގެ ނުރައްކާ ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.