
ސްކޭމްގެ މައްސަލަތަކާ މެދު އާންމު ރައްޔިތުން ހޭލުންތެރިކުރުވައި، އެފަދަ ކުށްތަކުން ރައްކާތެރިވުމަށް ބާރުއެޅުމުގެ ގޮތުން ބ. އޭދަފުށި ޕޮލިހުން "ވޯކް އެންޑް ޓޯކް" ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
އޭދަފުށި ޕޮލިސްގެ ޝިފްޓް އޭ އިން އިސްނަގައިގެން 2026 ނޮވެމްބަރު 13 ވަނަ ދުވަހުގެ ހަވީރު 17:15 އިން 18:00 އަށް އޭދަފުށީގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ، ސްކޭމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ފުލުހުން ވަނީ ރަށުގެ ރައްޔިތުންނާ ސީދާ ބައްދަލުކޮށް، މުޖުތަމައުގެ ކަންބޮޑުވުންތައް އަޑުއަހައި، މާލީ މަކަރާއި ހީލަތުގެ އަމަލުތަކަށް ސަމާލުވުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.
ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ ސްކޭމްތައް އިތުރުވަމުންދާއިރު، މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވުމުގެ ކުރިން އެފަދަކަންކަން ދެނެގަތުމަށް އާންމުން ހޭލުންތެރިވުމަކީ ކުށްމަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިގޮތުން، ޝައްކުކުރެވޭ ލިންކުތަކަށް ނުވަނުމާއި، ބޭންކިންގ މައުލޫމާތު ރައްކާތެރިކުރުމުގެ އިތުރުން، އެއްވެސް ފަރާތަކާ ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ހިއްސާނުކުރުމާއި، ކުއްލި ގޮތަކަށް ފައިސާއަށް އެދި އަންނަ ރިކުއެސްޓްތަކުގެ ސައްހަކަން ކަށަވަރުކުރުމަކީ މާލީ ގެއްލުންތަކުން ސަލާމަތްވުމަށް ކޮންމެހެން ސަމާލުކަންދޭންޖެހޭ ކަންކަމެވެ. އަދި ޝައްކުކުރެވޭ ފަދަ މުއާމަލާތެއް ހިނގައިފިނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަކީވެސް ކުށް ހުއްޓުވުމަށް މުހިންމު ކަމެކެވެ.
"ވޯކް އެންޑް ޓޯކް" ފަދަ ހަރަކާތްތަކަކީ ކުށެއް ހިނގުމަށްފަހު ފިޔަވަޅު އެޅުމުގެ ބަދަލުގައި، ކުށް ހިނގުމުގެ ކުރިން ދުރާލާ ރައްޔިތުން ހޭލުންތެރިކުރުވައިގެން ކުށްމަދުކުރުމަށާއި ރައްޔިތުންނާ ބައްދަލުވެ ހިޔާލު ބަދަލުކޮށްލުމުގެ ބޭނުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ އިތުބާރު އިތުރަށް ބަދަހިވެ، ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް މަގުފަހިވެގެންދެއެވެ.