
ސައުތު ސެންޓްރަލް ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ “ފަސްޓްލައިން މެނޭޖްމަންޓް ކޯސް – 17” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ކޯސް ނިންމުމަށް މި މަހު 16 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަދަން ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ. މި ރަސްމިއްޔާތުގައި، ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާއާއި، ތ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާޢު ބައިވެރިވެލެއްވިއެވެ.
އޮކްޓޫބަރު 18 އިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 22 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ތ. އަތޮޅުން ނުވަ ފުލުހުންނާއި ލ. އަތޮޅުން 13 ފުލުހުންނެވެ. ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ސީނިއަރ ސާޖަންޓް މުޙައްމަދު ރިޟްވާންއެވެ.

މި ކޯހުގައި “ލީޑަރޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓް، ސްޓްރެޓީޖިކް އެންޑް އޮޕަރޭޝަނަލް ލީޑަރޝިޕް، ލީގަލް އެވެއާނެސް އެންޑް ކޮމިއުނިޓީ ޕޮލިސިންގ، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް” ގެ އިތުރުން ކޯހުގައި ކިޔަވައިދެވުނު މޮޑިއުލްތައް ހިމެނޭ ސިނާރިއޯ ބޭސްޑް ޓްރެއިނިންގ އަދި ޕްރެޒެންޓޭޝަން ސްކިލްސްއާއި ކޮމިއުނިކޭޝަން ސްކިލްސް އުނގަންނައިދީފައިވެއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި، ސައުތު ސެންޓްރަލް ޕޮލިސް ގުޅިގެން ލ. ގަމުގައި ހިންގި މި ކޯސް އަމާޒުކޮށްފައިވަނީ ލީޑަރޝިޕް ގާބިލުކަން އިތުރުކުރުމަށާއި، ސުޕަވައިޒަރީ ފެންވަރު މަތިކުރުމުގެ މައްޗަށެވެ.