
ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށާއި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ގަވާއިދުން ފޯރުކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބާރުއަޅުއްވައިފިއެވެ.
ކޮމިޝަނަރ މިކަމަށް ބާރުއެޅުއްވީ، ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ އިސް އޮފިސަރުންނާއެކު މިއަދު ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމަކީ ތަހުގީގު ދާއިރާގެ ގާބިލުކަން އިތުރުކުރުމަށާއި، މަސައްކަތުގެ ހަލުވިމިން ރަނގަޅުކުރުމުގެ އިތުރުން، ހިދުމަތް ހޯދާ ރައްޔިތުންނާއި އަނިޔާ ލިބޭ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، ތަހުގީގުގެ މިންގަނޑުތަކަށާއި ހެކީގެ ރައްކާތެރިކަމަށް އެއްވެސް އުނިކަމެއް ނާންނާނެހެން، އަވަސް އަދި ފުރިހަމަ ތަހުގީގުތަކެއް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ލަސްވުންތައް ކުޑަކޮށް، ނުނިމި ހުރި މައްސަލަތައް މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ތަހުގީގުކުރާ ބަހާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކޮމިޝަނަރ އިރުޝާދު ދެއްވިއެވެ.

މީގެއިތުރުން، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ތަހުގީގުގައި ކުރިއަށްދާ މަރުހަލާތަކުގެ މައުލޫމާތު ގަވާއިދުން ހިއްސާކުރުމަކީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ތަހުގީގުގެ ހުރިހާ މަރުހަލާއެއްގައިވެސް އަނިޔާ ލިބޭ ފަރާތްތަކާ މުއާމަލާތްކުރުމުގައި އޯގާތެރިކަމާއި، އިހުތިރާމާއި އަދި ޕްރޮފެޝަނަލިޒަމް އިސްކުރުމަށް ބާރުއެޅުއްވިއެވެ.
ޒަމާނީ ކުށްތަކަށް އަންނަ ބަދަލުތަކާއެކު ކޮމްޕްލެކްސް މައްސަލަތައް ތަހުގީގުކުރުމަށްޓަކައި، އިންވެސްޓިގޭޝަން އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ކޮމިޝަނަރ އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ޒަމާނީ ޓެކްނޮލޮޖީއާއި، އިންޓެލިޖެންސް އަދި ފައިނޭންޝަލް އެނަލިޓިކްސްގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމަށް އެދިލެއްވިއެވެ. ހަމައެއާއެކު، ތަހުގީގުތައް ކުރިއަށްދާ ގޮތް ގާތުން ބަލައި، އިންވެސްޓިގޭޝަން އޮފިސަރުންނަށް ބޭނުންވާ އިރުޝާދު ދިނުމާއެކު، ކޮންމެ ފަންތިއެއްގައިވެސް ޖަވާބުދާރީވުމާއި، ސުލޫކީ އަދި އަހުލާގީ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.
ސެންޓްރަލް އިންވެސްޓިގޭޝަން އަކީ ޖިނާއީ ބޮޑެތި ކުށްތަކާއި ހާއްސަ މައްސަލަތައް ތަހުގީގުކުރުމުގެ ޒިންމާ އުފުލާ ބަހާއެވެ. މި ކޮމާންޑުގެ ދަށުން ކުރިއަށްގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފައިނޭންޝަލް އެނަލިޓިކްސް، ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންސް، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް އަދި ސްޕެޝަލިސްޓް އިންވެސްޓިގޭޝަން ސަޕޯޓް ހިމެނެއެވެ.