
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނޫރާނީވިލާ / އދ. ދިއްދޫ، ޙުސައިން ޒަޔާން (21އ) އާއި ގ. ސިނަމާލެ 022-13 / މާލެ، މުޙައްމަދު އިޔާޒް ޢަބްދުﷲ (21އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 17 ވަނަ ދުވަހުއެވެ.
ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، އެ މީހުންނަށް ފުލުހުން ފެނުމުން ސައިކަލެއްގައި ފިލަން މަސައްކަތްކޮށްފައިވެއެވެ. އެހެންކަމުން، އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތް ދަޅާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓުގެ އިތުރުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ސެލޯފިންކޮޅު ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 297.4 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ޒަޔާން 10 ދުވަހަށް އަދި މުޙައްމަދު އިޔާޒް ޢަބްދުﷲ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.