
މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމަށާއި އެ ފައިސާ އޭޓީއެމް މެދުވެރިކޮށް ނެގުމަށްޓަކައި ކުށްވެރިން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، މިކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި، ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.
ސްކޭމަރުން ދަނީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންނަށް އަމާޒުކޮށް، އެ މީހުންގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި ހަވާލުކޮށްދޭނަމަ، އެ ހިދުމަތުގެ ބަދަލެއްގެ ގޮތުން އިތުރު ފައިސާ ނުވަތަ ޓިޕްސް އަދި އެހެނިހެން އިނާޔަތްތައް ދޭނެ ކަމަށް ބުނެ ހުށަހަޅަމުންނެވެ. މިއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ހީވި ނަމަވެސް، މިފަދަ ކަމެއްގައި ބައިވެރިވުމުގެ ސަބަބުން ތިމާއަށް ނޭނގި ނަމަވެސް މާލީ ކުށެއްގައި ބައިވެރިވެވުމުގެ ނުރައްކާ އޮވެއެވެ.
ސްކޭމަރުން އެންމެ ފުރަތަމަ ކުރާ ކަމަކީ އެޕްލިކޭޝަނެއް މެދުވެރިކޮށް ސައްހަ ދަތުރެއް ނުވަތަ ޑެލިވަރީ އޯޑަރެއްގެ ރިކުއެސްޓެއް ފޮނުވުމެވެ. ޑްރައިވަރު ނުވަތަ ޑެލިވަރީ ކުރާ ފަރާތުން އެ ރިކުއެސްޓް ގަބޫލުކުރުމާއެކު، ގިނަ ފަހަރަށް އެޕްލިކޭޝަންގެ ރަސްމީ މުއާމަލާތްކުރާ ޗެނަލްތަކުން ބޭރުން ސްކޭމަރު ސީދާ އެ ފަރާތަށް ގުޅައި މުއާމަލާތް ކުރަން ފަށައެވެ.
އެއަށްފަހު، ތަފާތު ވާހަކަތައް ދައްކައިގެން ޑްރައިވަރުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނެގުމަށްފަހު ވަކި މީހަކާ ނުވަތަ ވަކި ތަނަކާ ހަވާލުކުރުމަށް އެދެއެވެ. މިކަމަށް ޑްރައިވަރުން އެއްބަސްކުރުވުމަށްޓަކައި، ދަތުރުގެ ނުވަތަ ޑެލިވަރީގެ އަސްލު އަގަށްވުރެ އިތުރަށް ޓިޕްސްގެ ގޮތުގައި އިތުރު ފައިސާ ދިނުމަށް ސްކޭމަރުން ހުށަހަޅައެވެ.
ނަމަވެސް، މިގޮތަށް އެކައުންޓްތަކަށް ޓްރާންސްފަރ ކުރާ ފައިސާއަކީ އެހެން ބަޔަކަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާއެވެ. އެ ފައިސާ ނަގައި އެހެން ފަރާތަކާ ހަވާލުކުރުމުން، ޑްރައިވަރުންނަށް ނޭނގި ނަމަވެސް ކުށްވެރިންނަށް އެ ވަގަށް ނެގި ފައިސާ ދައުރުކުރުމަށާއި، އެ ފައިސާ ދައުރުކުރި ގޮތް ފޮރުވުމަށް އެހީތެރިވެދެވެނީއެވެ. ކުށްވެރިން ގާނޫނާ ހިލާފަށް ހޯދާފައިވާ ފައިސާ އެކައުންޓަށް ޖަމާކޮށް ދައުރުކުރުމަށް، އެނގިގެން ނުވަތަ ނޭނގި ނަމަވެސް އެހެން މީހުން ބޭނުންކުރުމުގެ މި އަމަލަށް ކިޔަނީ "މަނީ މިއުލިންގ" އެވެ.
އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޑްރައިވަރަށް ނުވަތަ ޑެލިވަރީ ކުރާ ފަރާތަށް ނޭނގުނު ކަމުގައި ވިޔަސް، މަކަރާއި ޙީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމުގެ ސަބަބުން ތިރީގައިވާ ކަންކަމާ ކުރިމަތިލާން ޖެހިދާނެއެވެ.
މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި، ޑެލިވަރީގެ ހިދުމަތްދޭ ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.
ތިޔަބޭފުޅާގެ އެކައުންޓަށް ޝައްކުކުރެވޭ ފަދަ ޓްރާންސްފަރއެއް ލިބިފައިވާނަމަ، އެ ފައިސާ ފޮނުވި ނުވަތަ ގުޅި މީހާދޭ އިރުޝާދަށް އެ ފައިސާ އެކައުންޓުން ނެގުމާއި، ހަރަދުކުރުމާއި، އެހެން އެކައުންޓަކަށް ޓްރާންސްފަރ ކުރުން ނުވަތަ އަނބުރާ ފޮނުވުންފަދަ އެއްވެސް ކަމެއް ނުކުރައްވާށެވެ. ވަގުތުން ތިޔަބޭފުޅާގެ ބޭންކަށާއި ފުލުހުންނަށް އެކަން އަންގަވައި، މެސެޖުތަކާއި، ކޯލް ރެކޯޑްތަކާއި، ބުކިންގ ތަފްސީލުތައް އަދި ޓްރާންސްފަރ ސްލިޕްތައް ފަދަ ކަމާގުޅުންހުރި ހުރިހާ ހެކިތަކެއް ރައްކާތެރިކުރައްވާށެވެ.
ރައިޑް-ހެއިލިންގ އަދި ޑެލިވަރީގެ ޚިދުމަތްތަކަކީ އާމްދަނީ ހޯދުމަށް އޮތް މުހިންމު ވަސީލަތެކެވެ. ކުށްވެރިންގެ ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް މަގުފަހިކުރުމަށްޓަކައި، ތިޔަބޭފުޅުންގެ އިތުބާރާއި، މާލީ ހާލަތު ނުވަތަ އިތުރު އާމްދަނީއެއް ހޯދުމަށް އޮންނަ ޝައުގުވެރިކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް އެއްވެސް ފުރުސަތެއް ނުދެއްވާށެވެ.
ތިޔަބޭފުޅާގެ ބޭންކް އެކައުންޓަކީ ތިޔަބޭފުޅާގެ ޒިންމާއެކެވެ. އެހެން މީހެއްގެ މުއާމަލާތެއްގެ ސަބަބުން ތިޔަބޭފުޅާއަށް ގާނޫނީ އަދި މާލީ ބޮޑު ބުރައެއް އުފުލަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވިޔަ ނުދެއްވާށެވެ.
ފާރަވެރިވެ ތިއްބަވައި، ތިޔަބޭފުޅުންގެ މާލީ ވަސީލަތްތައް ރައްކާތެރިކުރައްވާށެވެ. އަދި ޝައްކުކުރެވޭ ފަދަ އަމަލުތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރައްވާށެވެ.