
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ޤައުމީ ޚިދުމަތް ފެއްޓެވީ 1994 ވަނަ އަހަރު ނެޝަނަލް ސެކިއުރިޓީ ސަރވިސްގެ ޕްރައިވެޓެއްގެ މަގާމުންނެވެ. 2004 ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދުމާއެކު، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެމިހުންނަވައި ތަފާތު އެކި މަޤާމުތައް ފުރުއްވިއެވެ.
30 އަހަރަށްވުރެ ގިނަ ދުވަހުގެ ޚިދުމަތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ އޮޕަރޭޝަނަލް ދާއިރާއާއި، ތަޙުޤީޤުގެ ދާއިރާއާއި، ފޮރެންސިކް އަދި އިދާރީ ދާއިރާތަކުގެ ތަފާތު ލީޑަރޝިޕް މަޤާމުތައް ފުރުއްވާފައެވެ. 2025 ޖޫން ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އިސްމާޢީލް ނަވީން، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަންކުރައްވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ކޯޕަރޭޓް ސަރވިސަސް ޑައިރެކްޓަރޭޓް، ޕީޕަލް ޑައިރެކްޓަރޭޓް، ސެންޓްރަލް އެންޑް ލޯކަލް ޕޮލިސިންގ ކޮމާންޑްސް، އަދި ފޮރެންސިކް ސަރވިސަސް ފަދަ ސްޓްރެޓެޖިކް ގިނަ ބަހާތަކެއްގެ އިސްވެރިޔާގެ މަޤާމު ފުރުއްވާފައެވެ. ކޮމިޝަނަރގެ މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން، 2024 ވަނަ އަހަރު ޚިދުމަތްކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ޤައުމީ އަދި ބައިނަލްއަޤްވާމީ ގިނަ ފޯރަމްތަކެއްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ، އަދި މަތީ ފެންވަރުގެ ކޮމިޓީތަކާއި ބޯޑުތަކުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. މީގެ ތެރޭގައި މޯލްޑިވްސް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ދަށުން އޮންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމިޓީ އާއި ޕެރޯލް ބޯޑާއި އެއަރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބޯޑު އޮފް ދަ މޯލްޑިވްސް، އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމިޓީ ހިމެނެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (ލީޑަރޝިޕް) އާއި ޔުނައިޓެޑް ކިންގްޑަމްއިން ބެޗްލަރ އޮފް ލޯސް (އެލްއެލްބީ އޮނަރސް) ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، މެލޭޝިއާއިން ހަޔަރ ޑިޕްލޮމާ އަދި ޑިޕްލޮމާ އިން ލޯ ފުރިހަމަކުރައްވާފައި ވެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިނަލްއަޤްވާމީ ގިނަ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެ ތެރޭގައި ސްޓްރެޓެޖިކް ކޮމާންޑް ކޯސް 2021 (ޔުނައިޓެޑް ކިންގްޑަމް)، އޭޝިއާ ރީޖަނަލް ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމް 2013 (އޮސްޓްރޭލިއާ)، ކްރައުޑް ރިސްކް އެނަލިސިސް - ލެވެލް 3 އަދި 5 (ޔުނައިޓެޑް ކިންގްޑަމް)، ފީފާ ސޭފްޓީ އެންޑް ސެކިއުރިޓީ ސެމިނަރތައް (މެލޭޝިއާ އަދި ސިންގަޕޫރު)، ގްލޯބަލް ޕަބްލިކް ސެކިއުރިޓީ ކޯޕަރޭޝަން ފޯރަމް 2023 (ޗައިނާ)، އޭއެފްސީ ސެކިއުރިޓީ އޮފިސަރ ވޯކްޝޮޕް 2023 (މެލޭޝިއާ)، މޭޖަރ ޓެރަރިޒަމް އިންވެސްޓިގޭޝަން ކޯސް 2014 (ދިވެހިރާއްޖެ)، އިންޓަރޕޯލް އަދި ޔޫ.އެސް. ޕެސިފިކް ކޮމާންޑްގެ އެކި ޕްރޮގްރާމްތައް ހިމެނެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ގިނަ ކާމިޔާބީތަކެއް ހޯއްދަވައިފައެވެ. މީގެ ތެރޭގައި، މުހިންމު އޮޕަރޭޝަންތަކާއި ތަޙުޤީޤުތައް ކާމިޔާބުކަމާއެކު ހިންގުމުގައި އަދާކުރެއްވި ދައުރަށް ލިބިވަޑައިގެންފައިވާ ހަނދާނީ ލިޔުންތަކާއި 25 އަހަރުގެ އިޚްލާޞްތެރި ޚިދުމަތަށް ދެއްވާފައިވާ ޝަރަފާއި މެލޭޝިއާގައި ޑިޕްލޮމާ އަދި ހަޔަރ ޑިޕްލޮމާ އިން ލޯ ކޯސްތަކުން އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވިވަޑައިގަތުމުން ލިބިވަޑައިގެންފައިވާ ހަނދާނީ ލިޔުމާއި 2002 ވަނަ އަހަރު އެންމެ މޮޅު އޯލްރައުންޑް އޮފިސަރުގެ ގޮތުގައި ހޮވިވަޑައިގަތުމާއި، 1997 އަދި 1996 ގައި ތަޙުޤީޤުތަކުގައި ދެއްކެވި ޚާއްޞަ ހުނަރުވެރިކަމަށް ލިބިވަޑައިގެންފައިވާ ހަނދާނީ ލިޔުންތައް ހިމެނެއެވެ.
ކޮމިޝަނަރ ނަވީންއަށް ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ މެޑެލް، ދިގު މުއްދަތުގެ ޚިދުމަތުގެ މެޑެލް، ހިތްވަރުގަދަކަމުގެ ރިބަން، ފުލުހުންގެ ޚިދުމަތުގެ މެޑެލް، އަދި އިޚްލާޞްތެރި ޚިދުމަތުގެ މެޑެލްއާއި އިތުރު ޝަރަފުގެ ނިޝާންތައް ހިމެނެއެވެ.