މަސްތުވާތަކެތި

 

މަސްތުވާތަކެތި

 

މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް މީހަކު ބޭނުން ކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ ކުރާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ ތިރީގައިވާ ނަމްބަރުތަކުން އަޅުގަނޑުމެނަށް ގުޅުއްވައި އަންގަވައި ދެއްވާށެވެ. ތިޔަ ފަރާތުގެ މައުލޫމާތު އަޅުގަނޑުމެއް ސިއްރުކޮށްދޭނަމަވެ.

 

ޕޮލިސް އިމަޖެންސީ 119

ޕޮލިސް ނޮން އިމަޖެންސީ 3322111

 

ސުވާލެއް

މަސްތުވާތަކެތީގެ މައްސަލަތަކުގެ މައުލޫމާތު ދޭއިރު ފުލުހުން އަބަދުވެސް "މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ތަކެތި" ކަމަށް ބުނަނީ ކީއްވެ؟

 

އެކިއެކި މައްސަލަތަކުގައި އަތުލެވޭ މަސްތުވާތަކެތިކަމަށް ބެލެވޭ ހުރިހާ ތަކެއްޗަކީވެސް އަޅުގަނޑުމެންގެ ފޮރެންސިކް ލެބޯޓްރީގައި ޓެސްޓް ކުރެވޭ ތަކެއްޗެވެ. އެތަކެއްޗަކީ މަސްތުވާތަކެތި ކަމަށް އަޅުގަނޑުމެން ނިންމަނީ ލެބޯޓްރީގެ ނަތީޖާ ލިބުމުންނެވެ. އެހެންކަމުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންގެ ވަނަވަރު މީޑިއާގައި އާއްމު ކުރާއިރު އެރިޕޯޓް ނުލިބޭތީ އެތަކެއްޗަކީ ކަނޑައެޅިގެން މަސްތުވާތަކެތި ކަމުގައި އަޅުގަނޑުމެން ނުބުނަނީއެވެ.

 

މަސްތުވާތަކެތީގެ ނުރައްކާ

މަސްތުވާ ތަކެތި ބޭނުން ކުރުމަކީ އެތަކެތި ބޭނުންުކުރާ މީހުން ތަފާތު ބަލިތަކާއި ނަފްސާނީ ގެއްލުން އަދި ބައެއް ފަހަރު ފުރާނައަށް ގެއްލުން ލިބުމަށް ހުށަހެޅިގެންދާ ފަދަ އަމަލެކެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހާގެ އިތުރުން އޭނާގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނާއި ލޯބިވާ މީހުންނަށް މިކަމުގެ ސަބަބުން ތަފާތު އަސަރުތައް ކުރުވާ ގެއްލުންތައް ލިބެއެވެ.

 

މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ވަޒީފާއެއްގައި ދެމި ހުރުމާއި ދިރިއުޅުމުގެ އެހެނިހެން ޒިންމާތައް އަދާ ކުރުމުގައި ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެއެވެ. އެހެންކަމުން ވަޒީފާ އަދާ ކުރުން ނުވަތަ ކާންބޯން މަސައްކަތްކުރުމާއި ދުރުހެލިވެ އެހެނިހެން ކުށުގެ އަމަލުތަކުން ޒަރޫރީ ބޭނުންތައް ފުއްދަން މަޖުބޫރުވެއެވެ.

 

މަސްތުވާތަކެތި ބޭނުން ކުރާ މީހުން ދެނެގަންނާނީ ކިހިނެތް؟

އާއްމު ގޮތެއްގައި މަސްތުވާތަކެތި ބޭނުންކުރަނީ ޒުވާން އުމުރުގެ ކުދިންނެވެ. ޒުވާން އުމުރުގެ ކުދިން މަސްތުވާތަކެތި ބޭނުންކުރަން ފަށަ ކިތަންމެ ސަބަބުތަކެއް ހުރެއެވެ. އޭގެ ތެރޭގައި އެކުގައި އުޅޭ ރައްޓެހިންގެ ސަބަބުންނާއި އާއިލާގެ ތެރޭގައި ހިނގާ ހަމަނުޖެހުންތައް ނުވަތަ އާއިލާގެ ތެރޭގައި އެކުދިންނަށް ތަރުބިއްޔަތުގެ މަގުން މަގު ދައްކާނެ ރޯލް މޮޑެލްއެއް ނެތުން ފަދަ ސަބަބުތައް ހިމެނެއެވެ. ތިމާގެ ދަރިއެއް ނުވަތަ ގޭގައި އުޅޭ ޒުވާން ކުއްޖަކު މަސްތުވާތަކެތި ބޭނުންކުރާކަން ނުވަތަ ކޮށްފާނެކަމަށް ބެލެވޭ ބައެއް އަލާމާތްތައް ތިރީގައި އެވަނީއެވެ.

 

- އެކުގައި އުޅޭ ރައްޓެހިން ބަދަލުވުން

- ކިޔެވުމަށް ބަދަލު އައުން

- ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުން

- ސާފުތާހިރު ކަމަށް ބަދަލު އައުން

- ކަންކަމަށް ދޭ ސަމާލުކަން ކުޑަވުން

- ގޭތެރޭގެ ނުވަތަ ގާތް ތިމާގެ ގުޅުންތަކާއި ދުރުހެލިވުން

- ބަހުރުވަ ނުވަތަ ބަސްމަަގަށް ބަދަލު އައުން

- ގިނަގިނައިން ފައިސާ ހޯދަން އެދުން

- ގޭތެރޭ ހުންނަ އަގުހުރި ތަކެތި ގެއްލެން ފެށުން

 

މަތީގައިވާ ކަންކަމަކީ ޒުވާން އުމުރަށް އަޅައިގެން އަންނަ ކުދިންގެ ފަރާތުން ފެނުން އާއްމު އަލާމާތްތަކަކަށް ވާތީ މިފަދަ ކަންކަން ފެންނަ ކޮންމެ ކުއްޖަކީ މަސްތުވާތަކެތި ބޭނުންކުރާ ކުއްޖެއްކަމަށް ބަލައިގެން ނުވާނެއެވެ.

 

ދެން ހަދާނީ ކިހިނެތް؟

ގޭގައި އުޅޭ ކުއްޖަކު ނުވަތަ ތިމާގެ މީހަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ހީވާ ނަމަ އެންމެ މުހިންމު ކަމަކީ އޭނާ އާއި ވާހަކަ ދެއްކުމެވެ. އަދި އޭނާގެ އުޅުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބު ދެނެގަންނަން މަސައްކަތް ކުރުމެވެ. އޭނާއަށް އޭނާއަކީ އެކަނި ހުރި މީހެއް ނޫންކަން ވިސްނައިދީ އޭނާއަށް ދެރަގޮތެއްގެ ވެއްޖެނަމަ އެކަމާއި ހިތާމަ ކުރާނެ މީހުން ތިބިކަން ވިސްނައިދިނުން މުހިންމެވެ. އަދި އެކިއެކި ކަންކަމުގައި ބައިވެރިކޮށްގެން އަބަދުވެސް ގާތް މީހުންނާއި އެކު ގެންގުޅުން މުހިންމެވެ.

 

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނަށް ދިނުން

މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެކަމުގެ ތެރެއަށް ކުށެއް ނެތް ޒުވާނުން ވައްދަމުންދާ ފަރާތްތައް ހޯދާ އެފަރާތްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ބޮޑު ބައެއް އަމާޒު ކުރެވެނީ މިދެންނެވުނު ފަރާތްތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށެވެ.

 

އެފަދަ ވިޔަފާރިތައް ކުރާ މީހުންވެސް އެމީހުންގެ މަސައްކަތް ކުރަމުން ދަނީ މުޖުތަމައުގެ ތެރޭގައި ތިބެގެންނެވެ. ވިޔަފާރިތައް ހިންގަމުންދަނީ ހަމަ އާއްމުން ދިރިއުޅޭ ގެތަކާއި ގޯޅި ގޯޅީގެ ކަންމަތިިތަކުގައެވެ. މިފަދަ މީހުންނާއި ދެކޮޅަށް މަސައްކަތް ކުރެވޭނީ މުޖްތަމައުގައި އުޅޭ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންނެވެ. އެފަދަ ކަމެއް އެނގޭނަމަ ނުވަތަ ފާހަގަ ކުރެވޭނަމަ އެމައުލޫމާތު އަޅުގަނޑުމެނަށް ލަސްނުކޮށް ފޯރުކޮށްދެއްވާށެވެ. މަތީގައި ނަމްބަރުތަކުން ނުވަތަ ތިރީގައިވާ ލިންކުން ކާކުކަން ނޭނގި މައުލޫމާތު ހިއްސާ ކުރެއްވޭނެއެވެ.

 

ތިޔަ ފަރާތަށް އިވޭ އަޑެއް ނުވަތަ ފެންނަ މަންޒަރަކާއި ގުޅިގެެން ދެއްވާ މައުލޫމާތަކީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު މައުލޫމާތެއްކަމުގައި ވެދާނެއެވެ.

 

އަތުލެވޭ މަސްތުވާތަކެތި

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗަކީ ވަގުތުން ޓެގްކޮށް ރެކޯޑްކޮށް އެވިޑެންސްގެ ގޮތުގައި ރެޖިސްޓަރ ކުރެވޭ ތަކެއްޗެވެ.